ކިއުކަންބާ އަކީ މަދުން ކެލޮރީ އެކުލެވިގެންވާ އެއްޗެއް ކަަމަކު، އޭގައި ވަރަށް ގިނަ ފައިދާތައް ލިއްބައިދޭ މާއްދާތައް ހުންނަ ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ. ބައެއް މީހުންނަށް ކިއުކަންބާ އަކީ ތަރުކާރީއެއް ކަމުގައި ހީވިޔަސް، މިއީ އަސްލު މޭވާއެކެވެ.

Ads by Asuru

މި މޭވާގައި ގިނަ މިންވަރަކަށް ފެނާއި ފައިބަރ އެކުލެވެއެވެ. މި ސަބަބަށްޓަކައި ކިއުކަންބާ ވެފައި ވަނީ ބަރުދަން ލުއި ކުރުމަށްވެސް އެހީތެރިވެދޭ މޭވާއަކަށެވެ.

300 ގްރާމް ކިއުކަންބާގައި ދެ ގްރާމް ޕްރޮޓީން، ދެ ގްރާމް ފައިބަރ، 11 ގްރާމް ކާބްސް ހިމެނެެެއެވެ. މި މޭވާއިން ވިޓަމިން ސީ، އަދި ކޭ ލިބޭއިރު ޕޮޓޭސިއަމް އާއި މެގްނީޒިއަމްވެސް ލިބެއެވެ.

އިތުރު ފައިދާތައް:

ކިއުކަންބާގައި ގިނަ މިންވަރަކަށް ފެން އެކުލެވިގެންވާކަން މީގެ ކުރިންވެސް ބަޔާންކޮށްފައިވާއިރު، މިކަމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިއްބައިދެއެވެ. ހައިޑްރޭޝަން އަކީ މީހާގެ އުޅުމަށާއި ސިއްހަތަށް މުހިންމު ކަމަކަށްވާއިރު، ގިނައިން ފެން ނުބޮވޭ މީހަކު، ކިއުކަންބާ ކެއުމަށް އިސްކަން ދޭން ޖެހެެެއެވެ.

ހަކުރާއި ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަކީވެސް ކިއުކަންބާ ކާން ޖެހޭ ސަބަބެކެވެ. ހަކުރު ހުންނަ މިންވަރާއި، ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކެއުންތައް ދެނެގަތުމަށްޓަކައި ތަފާތު ވައްތަރުގެ މޭވާއާއި ތަރުކާރީ ބޭނުންކޮށްގެން ކުރި ދިރާސާއަކުން އެނގުނީ ކިއުކަންބާ އަކީ ހަކުރާއި ލޭގެ ޕްރެޝަރު ދަށްކޮށްދޭ އެއްޗެއް ކަމެވެ.

ކިއުކަންބާ އަކީ ސިއްހީ ގޮތުން ފައިދާ ހުރި މާއްދާތަކެއް ހިމެނުމުގެ އިތުރުން، ކެއުމުގައި ހިމަނާލަންވެސް ފަސޭހަ ވާނެ އެއްޗެކެވެ. އެގޮތުން ކޮންމެ ކަހަލަ ސެލަޑެއް ތައްޔާރުކޮށްލާއިރުވެސް ކިއުކަންބާ ހިމަނާލެވިދާނެއެވެ.