ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީގެ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ.
އެ ސަރަޙައްދުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި މާލެ ސަރަޙައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެވަޑައިގެން މި ސްކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
2004 ޑިސެމްބަރ ގެ ސުނާމީއަށް މިއަދު 20 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ.
އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
އެ ދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީފާހަގަކުރަމުންނެވެ.

