މި އަހަރުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އަމާޒުގެ ތެރެއިން ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލު ވެއްޖެއެވެ.

ރާއްޖެ އައި ދެ މިލިއަން ވަނަ ފަތުރުވެރިއަކީ ފިރިމީހާ އާއި ދެ ކުދިންނާ އެކު އައި އޮސްޓްރިއާގެ އަންހެނެކެވެ.

މި އާއިލާ އަށް ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ޕެކޭޖެއް ވަނީ ހަދިޔާއެއްގެ ގޮތުގައި ދީފައެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީ އާއި ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމްސް ސާވިސް ވަނީ އޮސްޓްރިއާގެ މި ފަތުރުވެރިޔާއަށް ހާއްސަ ހަދިޔާއެއް ދީފައެވެ.

އޭނާއަށް މަރުހަބާ ކިޔަން ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ އިތުރުން ކަމާބެހޭ އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒު ހާސިލުވެފައިވާއިރު، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.