އިސްރާއީލުގެ ސަލާމަތާބެހޭ ވަޒީރު، މަސްޖިދުލްއަގްސާއަށް ވަދެގަތުމާއި ގުޅިގެން، މިކަން ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

މިއީ އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންދާ އަމަލެއްކަން ފާހަގަކޮށް، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް ބުނެފައިވެއެވެ.

އަދި މިއީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއިއެކު ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް ކަމުގައިވެސް ދިވެހި ސަރުކާރުން ދެކޭ ކަމަށް މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މިފަދަ އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުކަށް އިހްތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ދިވެހިރާއްޖެއިންވަނީ ގޮވާލާފައެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ބުނެފައިވެއެވެ.