މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި މަޑުން ނުތިބޭނެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ކޮރަޕްޝަނާއި ދެކޮޅަށް ގައުމީ ފެންވަރުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާ ކަމަށެވެ.

ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބު ކުރީ ކޮރަޕްޝަނާއި ދެކޮޅު މަސައްކަތް ކާމިޔާބު ކުރުމުގެ ނިޔަތުގައި ކަމަށް ވެސް ބަޔާނުގައިވެއެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރާ ތަހުގީގުތަކުން ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެ އިދާރާތަކުން ކުރީ ސަރުކާރުގެ ވެރިންނަށް ތުހުމަތުތަކެއް ކުރާއިރު ވަކި ސިޔާސީ މީހަކަށް ބެލުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބަލާނެ ކަމަށްވެސް ޕީއެންސީން ބުނެއެވެ.

އެފަދަ ތަހުގީގުތަކަށް ވަގުތާއި ވަސީލަތްތައް ބޭނުންވާނެ ކަމަށާއި އަވަސްމިނެއްގައި ތަހުގީގުތައް ކުރިއަށްގެންގޮސް، ހެކި ހޯދުމަށް މިނިވަން މުއައްސަސާތަކުން ކުރާ މަސައްކަތްތައް ބަލައިގަންނަ ކަމަށް ޕީއެންސީން ބުނެއެވެ.

މި މައްސަލަތަކުގައި ޝާމިލުވެފައިވާ ފަރާތްތަކަށް އަވަސް ފިޔަވަޅު އަޅައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށާއި މިއީ ގައުމުގެ ކުރިމަގާއި ރައްޔިތުންނާ ސީދާ ގުޅިފައިވާ މައްސަލަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ލަސްކުރުމެއް ނެތި މި މައްސަލަތަކުގައި ހޯދިފައިވާ ހޯދުންތައް ރައްޔިތުންނާ ހިއްސާކުރުމަށް ޕީއެންސީން ވަނީ ފުލުހުންނަށް ވެސް ގޮވާލާފައެވެ.

ޕީއެންސީން ބުނީ އިދިކޮޅު ފަރާތްތަކުން ރައީސް މުއިއްޒަށް ތުހުމަތުތައް އަމާޒުކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށާއި މީގެ ކުރިން އަމިއްލަ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގޮވާލުމުން ވެސް ކޮރަޕްޝަންގެ މައްސަލަތަކުގައި އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.