މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް މަތިންދާބޯޓު ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސް ފޮނުއްވި މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިތްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވަމުންނެވެ.