މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (‏‏އެމްޑަބްލިޔުއެސްސީ)އަށް މާލީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މި އަހަރު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލްމަތީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ، މި ކާމިޔާބީގެ ފަހަތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއެއްގޮތަށް ކުންފުނީގެ ހަރަދުތައް ކުޑަ ކުރުން ކަމުގައެވެ.

ރާއްޖޭގެ ދަރަނި އިތުރުވެ، މާލީ ގޮންޖެހުންތަކާއެކު ދަތިކަން ކުރިމަތިވެފައިވާ މި ދުވަސްވަރު ހުރިހައި ދިމާލަކަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށް މަތީން ވިދާޅުވިއެވެ.

”ރައީސް ޑރ.މުއިއްޒު ވަރަށް ބޮޑަށް ލަފާ ދެއްވަމުން ގެންދެވި ހަރަދު ކުޑަ ކުރުމަށް، ހާއްސަ ގޮތެއްގައި ހިންގުން ހަރުދަނާ ކުރުމަށް.“ އޭނާ  ވިދާޅުވިއެވެ.

އެގޮތުން އެމްޑަބްލިޔުއެސްސީއަށް ފައިދާ އިތުރު ކުރެވުނީ، ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ފިޔަވައި، އެހެނިހެން ހަރަދުތައް ނުކޮށް ދޫކޮށްލައިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ކުންފުންޏެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ މުވައްޒަފުން ކަމަށާއި، އެމްޑަބްލިޔުއެސްސީއަށް ލިބުނު ފައިދާގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ހެޔޮ އަސަރުތަކެއް ކުރުވާނެ ކަންކަން ކުރެވިފައިވާ ކަމަށެވެ.