ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނަގާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ގަވާއިދެއް އެކުލަވާލައިފިއެވެ.

ޕީސީބީ އިން މިފަދަ ގަވައިދެއް ހެދީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއް ނުވަތަ ހުރިހާ އެސްއޯއީތަކުން އަމަލުކުރާނެ އާންމު އެއް އުސޫލެއް އޮންނަންޖެހޭ ކަމަށް ފެންނާތީއެވެ.

ޕީސީބީ އިން މިދިޔަ ބުދަ ދުވަހު ފާސްކުރި ގަވައިދުގައިވާ ގޮތުން އެސްއޯއީ އަކުން ލޯނު ނަގާނަމަ ޕީސީބީގެ އުސޫލުތައް ފުރިހަމަކުރުމަށްފަހު ހިއްސާދާރުންގެ ހުއްދަ ހޯދަންޖެހޭނެއެވެ.

އަދި ލޯނި ނަގަން ފާސްކުރާތާ ފަސް ދުވަހުގެ ތެރޭގައި ޕީސީބީއަށް އެކަން އެންގުމަށްފަހު ލޯނު ނެގުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ހުށަހަޅަންޖެހެއެވެ.
ޕީސީބީ އިން ”ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް“ގެ ނަމުގައި އެކުލަވާލި ގަވައިދުގައި އެސްއޯއީތައް ގިންތިކުރުމާއި، މެނޭޖިން ޑިރެކްޓަރުން، ޗެއާމަނުން އަދި ބޯޑު މެމްބަރުންގެ އިނާޔަތްތައް ދެވޭނެ ގޮތްތަކެއްވެސްވެއެވެ.

ބޮޑެތި ބަދަލުތަކަކާ އެކު އެކުލަވާލި ގަވައިދަށް އެސްއޯއީތަކުން ފުރިހަމައަށް އަމަލުކުރުމަށްވެސް ޕީސީބީ އިން ވަނީ އަންގާފައެވެ.