އިރާދަކުރެއްވިއްޔާ، 2025 ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރެއް ކަމުގައި ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވެވި ހިތާބުގައެވެ.
2025 ވަނަ އަހަރު ހިމެނިގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފަށައި، އިގްތިސާދީ ފުދުންތެރިކަން އިޔާދަވެ، އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެންފަށާނެ އަހަރެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ އަމާޒަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެއްކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ ފެންވަރުގައްޔާއި ޖަމާޢަތުގެ ފެންވަރުގައްޔާއި ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެކަމަށެވެ.
މިގޮތުން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހްލާސްތެރިކަމާއެކު ދެމި އޮތުންކަމަށާއި، ވައުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ތިބެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

