ރާއްޖޭގައި މަރުވި ނޭޕާލް މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވައިލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ކަންޗަން ދުންގެލް މަރުވީ މިިދިޔަ މަހު ކުރީކޮޅުގައެވެ.

ފުލުހުން މީގެ ކުރިން މައުލޫމާތު ދިންގޮތުގައި ކަންޗަން މަރުވީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ހޮސްޕިޓަަލަށް ގެންދިޔަފަހުންނެވެ. ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައި އޭނާގެ ޚަބަރު ހުސްވި ކަމަށް ވެސް ފުލުހުން ބުނެއެވެ. ކަންޗަން އަކީ ”އެނީމިއާ“ގެ ހޮސްޓްރީ އޮތް ފަރާތެއްކަން އެނގިފައިވެއެވެ.

އަދި ކަންޗަން މަރުވި ފަހުން އޭނާގެ ހަށިގަނޑާ ސްޕޮންސަރު ހަވާލުނުވުމުން މޯޗަރީއަށް ގެންދިޔައެވެ.

ނަމަވެސް އޭގެފަހުން މަހެއްހައި ދުވަސް ވީއިރުވެސް އޭނާގެ ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ”އަސުރަށް“ ވިދާޅުވީ، އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަންޗަން މަސައްކަތް ކުރަމުން ދިޔައީ މާލޭގެ ކެފޭއެއްގައެވެ.