ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރެއް ވެފައިވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީީސް، އަދި ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބިކަމީ އެންމެން ވެސް ދަންނާނެ ހަގީގަތެއް ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން ވަނީ، ރިޔާސީ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން، ބޭރުގެ ސިފައިން ފޮނުވައިލައިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”ޑިޕްލޮމަސީގެ ހަމަތަކުގެ މަތިން، ދެ ގައުމުގެ ދެމެދުގަ ވާހަކަ ދެކެވި، އިންޑިއާ ސިފައިން މިހާރު ވަނީ ރާއްޖެއިން ފައިބައިފައި. އެއީ، ވަރަށް ބޮޑު، ވަރަށް ބޮޑު ކުރިއެރުމެއް.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ބޭރުގެ ސިފައިން މި ފަސްގަނޑުން އަނބުރާ ފޮނުވައިލެވުނުއިރު، ދިވެހި ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ވެސް މި ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ޑްރޯން ގެނެސްގެން، ރާއްޖޭގެ ކަނޑާ ވައިގެ ސަރަހައްދު އަމިއްލައަށް ބަލަހައްޓަން ފެށިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު، އަނބުރާ ގައުމަށް ގޮސްފައި ވަނީ، މިދިޔަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރީންނެވެ.
ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅެވެ.
ވެރިކަމުގެ ހުވައި ކުރައްވަވައި ދެއްވި ފުރަތަމަ ތަގުރީރުގައި ރައީސް މުއިއްޒު ވަނީ، ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެކަމަށާއި، ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

