ދިވެހިރާއްޖޭގައި މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނައަހަރުގެ ކުރީކޮޅު އެމެރިކާގެ އެމްބަސީއެއް ގާއިމު ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ފޮރިން މިިނިސްޓަރު ޝާހިދު އިއްޔެ ނިއުޔޯކުގައި ބޭއްވި އިވެންޓެއްގައި ދެއްކެވި ވާހަކައިގައި ވިދާޅުވީ މިއަހަރުގެ ފަހުކޮޅު އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވިގެން ދިޔުމަކީވެސް އުއްމީދެއް ކަމަށެވެ.

ދިވެހީން މިހާރު އެމެރިކާއާއެކުގައި ޑިޕްލޮމެޓިކް ކަންކަން ކުރިއަށް ގެންދަނީ ސްރީލަންކާގައި ހުންނަ ޔޫއެސް އެމްބަސީ މެދުވެރިކޮށެވެ.

ޝާހިދު ވިދާޅުވީ މިވެރިކަމުގައި، އެމެރިކާ-ރާއްޖެ ގުޅުން މިއިން ޒަމާނެއްގައިވެސް ހަރުދަނާ ވެފައި ނުވާ މިންވަރަށް ހަރުދަނާ ވެގެން ގޮސްފައިވާ ކަމަށެވެ. އެމެރިކާގައި އެމްބަސީ ގާއިމު ކުރާނެ ޕްރޮޕަރޓީއެއް ހޯދަމުން އަންނަ ކަމަށާއި، މިއަހަރުގެ ފަހުކޮޅު އެތަން ހުޅުވިގެން ދިޔުމަކީ އުއްމީދެއް ކަމުގައިވެސް، އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.

”އުއްމީދަކީ މިއަހަރު ފަހުކޮޅު، ނޫނީ އަންނަ އަހަރުގެ ކުރީކޮޅު، ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހުޅުވިގެން ދިޔުން. މިކަން ވެެގެންދާނީ ތާރީހީ ކަމަކަށް.“ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ 1965 ވަނަ އަހަރުގައި ރާއްޖެއަށް މިނިވަންލަން ލިބުނު ފަހުން އެެމެރިކާގައި އެމްބަސީއެއް ހުޅުވިގެން ދިޔަކަން ފާހަގަކުރައްވައި، އެތަން ބަންދު ކުރީ ބަޖެޓުގެ ދަތިކަމާ ގުޅިގެންކަމަށް ވިދާޅުވެފައެވެ.

އަދި 2007 ވަނަ އަހަރުގައި އަލުން އެމްބަސީ ހުޅުވިއިރު، 2008 ވަނަ އަހަރު ވެރިކަން ބަދަލު ވުމުން، އަނެއްކާވެސް އެމްބަސީ ބަންދު ކުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.