މި ދުވަސްވަރު މާލެއާއި ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އަދިވެސް ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުން އެބަ ގެންދެއެވެ.

މާލޭގައި 17 ޕަންޕެއް ބޭނުންކޮށްގެން، ގިނަ ސަރަހައްދުތަކެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން ވެސްޓްޕާކް ސަރަހައްދާއި، އައި.ޖީއެމް.އެޗް ސަރަހައްދާއި، ސަލްމާން މިސްކިތާއި، މާންނު ފެރީ ޓާމިނަލާއި، ކުދިންގެ ބަގީޗާ ސަރަހައްދުގައި ޖުމްލަ 17 ޕަމްޕް ބޭނުންކޮށްގެން ފެން ހިންދާފައިވެއެވެ.

މިރޭގެ 23:35 އަށް 17536 ޓަނުގެ ފެން ހިންދިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން، ށ.ނަރުދޫ، ކ.ގުރައިދޫ، ކ.ހުރާ އަދި މާލޭގައި ވެސް އަދިވެސް ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.