މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ރަށްތަކުގެ ހާލަތު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ސްރީލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑެއްގެ އަސަރުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، އުދައިގެ އަސަރު ވެސް ދަނީ ކުރަމުންނެވެ. މިގޮތުން ހަތް ރަށަކުން ފެންބޮޑުވި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މިނިސްޓަރު އާދަމް ޝަރީފު އެކްސްގައި ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، ރަަށް ރަށުގެ ކައުންސިލްތައް މެދުވެރިކޮށް އެ މިނިސްޓްރީން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

އިއްޔެ ބ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް، ދެ ފަހަރު މަތިން އޮރެންޖު ސަމާލު ނެރުނެވެ.

އެލާޓުގެ ވަގުތުގައި އެ ސަރަހައްދުތަކުގެ ރަށްތަކަށް ވަރަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެހެންވެ، ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުގެ އިތުރުން ސިފައިންނާއި ފުލުހުންވެސް ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ވެރިރަށް މާލެއިން، 10،000އެއްހައި ޓަނުގެ ފެން ބޭރު ކުރެވުނުއިރު، އެންމެ ގަޑިއިރެއްގެ ތެރޭގައި މާލެއަށް 60 މިލިމީޓަރުގެ ވާރޭ އިއްޔެ ވެހުނެވެ.