ބަރުލަމާނީ ނިޒާމެއްގައި ކޮރަޕްޝަން ސުމަކަށް ނުނެގެވުނު ކަމުގައިވިޔަސް، ކޮރަޕްޝަން މަދު ކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަރަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކައިގައެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި މަޖިލީހަށް ހޮވޭ މެމްބަރު ވެގެންދާނީ ވަޒީރަކަށް ނުވަތަ ސްޓޭޓް މިނިސްޓަރަކަށް ކަމަށާއި އެކަން އެގޮތަށް ވުމުން އޭނާ ގަނެލަން އުނދަގޫވާނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމެއްގައި މެމްބަރުން ވިކެންވީ ސަބަބެއް ވެސް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ބަރުލަމާނީ ނިޒާމެއްގައި ކޮރަޕްޝަން ދަށްވާނެ، މަދުވާނެ. ސުމަކަށް ނުގެނެވޭނެ. އެކަމަކު ދަށްވާނެ. މެމްބަރަކު ވިކެންވީ ސަބަބެއް ނެތް. އެއީ ތިމަންނާ މިއީ ވަޒީރު ވީއްޔާ. ކާކު ގަންނަން ތި އުޅެނީ.“ ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ނަޝީދު ވަނީ ދާދިފަހުން ނިމިގެންދިޔަ އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ. ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވަނީ، އެއީ އެމަނިކުފާނަށް ވެރިކަން ލިބެން އޮތް ހަމައެކަނި މަގަށް ވުމުން ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.