ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައިފިއެވެ.
ރައީސް އެފަދައިން ކުރެއްވީ، ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރުމުގެގޮތުން، ހޮނިހިރު ދުވަހު އާންމުކުރެއްވި މެސެޖެއްގައެވެ.
މި މެސެޖުގައި، ބްރެއިލްގެ އީޖާދީ، އިންޤިލާބީ ބަދަލާއެކު ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތައް ބާރުވެރިކުރުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އެމަނިކުފާނު ވަނީ އަލިއަޅުއްވައިލައްވާފައެވެ.
އަދި، ބްރެއިލަކީ އެފަދަ ފަރާތްތަކަށް މުޖުތަމައުގައި ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ލިބުނު ބާރުގަދަ ވަސީލަތެއް ކަމަށާއި އޭގެ ސަަބަބުން، އެފަދަ ފަރާތްތަކަކީ ގައުމީ ތަރައްގީގައި ފުރިހަމަ ބައިވެރިންނަށް ވެގެންދާކަަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
ރައީސް ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތްތަކާއި ވަޞީލަތްތައް ފަރުމާކޮށް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެ ޤައުމެއްގެވެސް އަސާސީ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.
އަދި، މިއަދުގެ ސަރުކާރަކީ މުޖުތަމަައުގެ މިފަދަ ޒަރޫރީ ބޭނުންތަކަށް ރިއާޔަތްކޮށް، ސިޔާސަތުތައް ތަންފީޒުކުރަމުންދާނެ ސަރުކާރެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަން ތަކުރާރުކުރައްވަމުންނެވެ.

