ހުޅުމާލެ، ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށްފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެންވެ، މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށް ބުނެފައިވެއެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

ފޭސް 2 ގައި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ހުރި އުމުރުން 18 އަހަރުގެ ޒުވާނާ އަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ ޒުވާނާ އަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ލައިސަންސް ހިފެހެއްޓިފައިވާ ފަރާތެކެވެ.