ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލުމަށް ރާއްޖޭގެ އިދިކޮޅު ޕާޓީތަކާ ގުޅިގެން އިންޑިއާގެ ޖާސޫސީ އިދާރާ ރޯ އިން މަސައްކަތް ކުރި ކަމަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ފެތުރި ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.
ވޮޝިންޓަން ޕޯސްޓުން މިދިޔަ ހޯމަ ދުވަހު ޝާއިއުކުރި ލިޔުމެއްގައި ބުނީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ގޮތާ ގުޅޭ ގޮތުން ”ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް“ގެ ނަމުގައި ތައްޔާރުކުރި ލިޔުމެއް އެ ނޫހަށް ލިބިފައިވާ ކަމަށެެވެ.
އިންޑިއާގެ ޖާސޫސީ އިދާރާ، ރޯ ގެ އެެޖެންޓުން މިދިޔަ ޖެނުއަރީ މަހު ދިޔައީ ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން ކަމަށާއި، މަދު ހަފްތާގެ ތެރޭގައި އެކަން ހާސިލުކުރުމަށް ޕްލޭންއެއް އެކުލަވާލި ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ގެނެސްދީފައިވާ ވާހަކަތަކާ ގުޅޭ ގޮތުން އިންޑިއާގެ “ވިއޯން“ ނޫހުން ސުވާލުކުރުމުން ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވީ އެ ބުނާ ކަމެއްގެ ހެއްކެއް ވޮޝިންޓަން ޕޯސްޓަށް ލިބުނު ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.
”ވަރަށް ކުރު ޖަވާބެއް އެއަށް ދޭނީ. އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން“ ހަލީލް ވިދާޅުވިއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ލިޔުމާއި ގުޅިގެން ސުވާލު ކުރުމުން އެ މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދީރު ޖައިސްވާލް ވިދާޅުވީ، އެ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށެވެ.

