ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ފުރަތަމަ ފަހަރަށް އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ”ވިއޯން“ ނޫހުން ބުނީ، ޣައްސާން އެ ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ، އަންނަ ހަފްތާގައި ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، ރާއްޖޭގެ ޑިފެންސް މިނިސްޓަރު އެ ގައުމަށް ކުރައްވަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ވިއޯންގައި ވަނީ ފާހަގަކޮށްފައެވެ.

އެ ނޫހުން ބުނީ ޣައްސާން އިންޑިއާ އަށް ދަތުރުފުޅު ކުރައްވާނީ މި މަހުގެ 7 ‏އިން 8 އަށް ކަމަށެވެ.

ވިއޯން ނޫހުގައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނެސްފައިވާކަން ފާހަގަކޮށްފައެވެ.

މިނިސްޓަރު ޣައްސާން އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ފޮރިން މިނިސްޓަރު ޑރ.ހަލީލު ވެސް ވަނީ އެ ގައުމަށް ވަޑައިގެންފައެވެ.

މިނިސްޓަރު ހަލީލުގެ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފައިވެއެވެ.

މިނިސްޓަރު ހަލީލުގެ ކުރިން، ފިނޭސް މިނިސްޓަރު މޫސާ ޒަމީރު ވެސް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވިއެވެ.

އިންޑިއާ-ރާއްޖޭގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ރައީީސް މުއިއްޒު މިދިޔަ އަހަރު ވަނީ އިންޑިއާ އަށް ދެ ފަހަރު ވަޑައިގަންނަވައިފައެވެ.