ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ފިޓްކޮށް ހުރުމުގެ ގޮތުން ޖިސްމާނީ ގިނަ ހަރަކާތްތަކުގައި މަޝްއޫލުވެ އުޅޭއިރު، ހިނގުން ނުވަތަ ”ޖޮގިން“ އަކީ ފިޓްކޮށް ހުރުމަށް އެންމެ ފަސޭހަ އެއްކަމޭ ބުނެވިދާނެއެވެ.
ހެނދުނު ވަގުތު ހިނގުމަކީ އެންމެ ފަސޭހައިން ކޮށްލެވޭ، ފައިދާ ހުރި ކަސްރަތަކަށް ވިޔަސް، ގިނަ ބަޔަކު ދުވާލުގެ އެހެން ވަގުތެއްގައި ޖިމަށް ދިޔުމަށް ނުވަތަ ގޭގައި ކަސްރަތު ކުރަން އިސްކަން ދެނީ އެކްޓިވް ކޮށް ދުވަސް ފަށަން ވަގުތު ނުވަތަ ހިތްވަރު ނެތުމުންނެވެ.
ހެނދުނުގެ ހިނގުމަކީ އެހެން ހުރިހައި ބާވަތެއްގެ ކަސްރަތަކަށްވުރެ އެތައް ގޮތަކުން ފައިދާ ހުރި ކަސްރަތެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
ހެނދުނު ހިނގުމަކީ ހަށިގަނޑުން 300 ކެލޮރީސް ބާން ކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ”ޝުގަރ ކްރޭވިންސް“ ދަށްވެ، ފޮނި އެއްޗެހި ކެއުމާ ދުރުކޮށްދީ، ބްލަޑް ޝުގަރ ލެވެލް މަތި ވިޔަ ނުދީ ހިފަހައްޓައިދެއެވެ. ތިބާ އަކީ ޓައިޕް 2 ޑައިބެޓިކްސް ހުންނަ މީހެއް ކަމުގައިވާނަމަ ހިނގުމަކީ އަދި ވަރަށް ވެސް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ހަކުރު ހުންނަ މިންވަރު މަތިވިޔަ ނުދީ ހިފަހައްޓައިދޭނެއެވެ.
ރަނގަޅަށް ނިދުން
ދުވާލު ހަރަކާތްތެރިވެ އުޅޭނަމަ، ހަށިގަނޑަށް އަރާމު ބޭނުންވެ، ރޭގަނޑު ފަސޭހައިން ނިދޭގޮތް ވާނެއެވެ. އެހެންވެ، ހެނދުނުގެ ހިނގާލުމުން ދުވަސް ފަށާނަމަ، ދުވަހުގެ ހަރަކާތްތަކަށާއި މަސައްކަތަކަށް ތިބާގެ ހަށިގަނޑަށް ހަކަތަ އިތުރު ކޮށްދީ، ރޭގަނޑު ފަސޭހައިން ނިދުމަށް އެހީއަކަށް ވެގެންދާނެއެވެ.
ޑިޕްރެޝަނާ ދުރުކޮށްދޭ
ޑިޕްރެޝަނަށް މަގުފަހި ކުރުވާ އެއް ސަބަބަކީ، ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް ”އެންޑޯފިންސް“ ނުއުފެދުމެވެ. ހިނގުމުގެ ސަބަބުން މި ހޯމޯން ހަށިގަނޑުގައި ދައުރުވުން އިތުރު ކޮށްދެއެވެ. މީގެ އިތުރުން، ހިނގައިލުމުން މީހާގެ ސިކުނޑި ތާޒާވެ، ހިތްހަމަޖެހުން ވެސް އިހުސާސް ކުރުވައެވެ. މިއީ ޑިޕްރެޝަންގެ ވޭން ތަހައްމަލު ކުރާ މީހުންނަށް ލިބޭ ފަރުވާއަކަށް ވާނެއެވެ.
ބަރުދަން ލުއިވުން
”މޯނިން ވޯކް“ގެ އެންމެ މުހިންމު އެއް ފައިދާ އަކީ، ބަރުދަން ލުއިވުން ނުވަތަ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމެވެ. ހިނގުމަކީ ފަސޭހައިން ކޮށްލެވޭ ކަސްރަތަކަށްވާއިރު، ބަރުދަން އިތުރުވިޔަ ނުދިނުމަށްޓަކައި، ކޮންމެ ދުވަހަކު ވެސް މަދުވެގެން 30 މިނެޓުވަންދެން ހިނގައިލުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ.
ހުޅުތަކުގަޔާއި ގައިގައި ރިއްސުމުން ދުރުކޮށްދޭ
ހިނގައިލުމުން ގައިގެ ތަންތަނުގައި ރިއްސާނެ ކަމަށް ހީވެފައި އޮންނަނީ ކުށްހީއެކެވެ. މި ކަސްރަތުގެ ސަބަބުން އެކަމުން ދުރުކޮށްދެނީއެވެ. ގަވައިދުން ހިނގާނަމަ، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ބޭނުންވާ އެނަރޖީ ފޯރުކޮށްދީ، އެ ތަންތަނުގައި ރިހުން ދުރުކޮށްދޭނެއެވެ.

