ފޮރިން މިނިސްޓަރު ޑރ.ހަލީލް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލް ޔޫއޭއީއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިހް ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށެވެ.

މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައިޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެއެވެ.

އަދި މުސްތަގުބަލުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާބެހޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވަވާނެއެވެ.