ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި، އިމާމުވެ ތަރާވީހު ނަމާދުކުރާނެ ދިވެހި ހާފިޒުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، މާލޭގެ މިސްކިތްތަކުގައި އިމާމުވެ، ތަރާވީހު ނަމާދުކުރާން ބޭނުންވާ ދިވެހި ހާފިޒުން، އެ ކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، ބޭނުންވާ ލިޔުންތަކާއެކު، އަންނަ މަހު 20 ވަނަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ.
ރަށްރަށުގެ މިސްކިތްތަކުގައި ހިފްޡުކޮށް ތަރާވީހު ނަމާދުކުރާން އެދޭ ދިވެހި ހާފިޒުން އަންނަ ފެބްރުއަރީ މަހު ހަވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.
ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކަށް ހުށަހަޅާ ފޯމުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މާލޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދުކުރަން އެދި ފޯމު ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ކައުންޓަރަށެވެ. އަދި ރަށްރަށުގައި ނަމަ ފޯމު ހުށަހަޅަން ޖެހޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ.
ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދުކުރާން އެދޭ ފޯމު ކައުންސިލްގެ އިދާރާތަކުންނާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާ ކޮންމެ ރެޔަކަށް 500 ރުފިޔާއެވެ. ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ ގިނަވެގެން ކޮންމެ މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށެވެ.

