ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ”ރަސްމާލެ“ މަޝްރޫއު، މި އަހަރު ތިން ގުނަ އަވަސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކ. ގުޅި އަށް މިއަދު ހަވީރު ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރަސްމާލެ އަކީ، އެއް ސަރަހައްދަކުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު އަންނާނެ މަޝްރޫއެކެވެ.

ނަމަވެސް، ފުށިދިއްގަރުފަޅު ފަޅުގައި ރަސްމާލެ ތަރައްގީ ކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް، މި ސަރުކާރަށް ވާރުތަވި އިގުތިސާދީ ދަތިކަމުގެ ތެރޭގައި ބޭނުންވާ އަވަސްމިނުގައި ކުރިއަށް ގެންދެވިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އިތުރު ބައެއް ފަރާތްތަކުން، ބައެއް ކޮމްޕެނީތަކުން ޑްރެޖަރު މޮބިލައިޒް ކުރުވައިގެން، އެއް ފަހަރާ އެތައް ބައެއްގެ މަސައްކަތްތައް ފެށުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ.“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މި އަހަރަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިނގާނެ އަހަރެއްކަމުގެ ޔަގީންކަން ދެއްވިއެވެ.