ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ކ.ގުޅީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ހަވީރު ގުޅީ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ.

އަދި ކައުންސިލަރުންވަނީ އެ ރަށުގައި އައު ކައުންސިލް އިދާރާއެއް ަގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ގުޅީގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ކައުންސިލަރުން ވަނީ ގުޅީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ގުޅިއަކީ ފަތުރުވެރިކަމުގެ ވިޔަފާރީގައިވެސް ކުރިއަރާފައިވާ، އަދި ރަށަށް އަރައި ފޭބުމުގައި ގިނަ ބަޔަކު ބަނދަރު ބޭނުންކުރާ ރަށެއްކަމުގައި ފާހަގަކުރައްވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ކައުންސިލަރުން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގެ މުވައްޒަފުން މަދުކަމާއި ލެބޯޓަރީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ގުޅީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.