އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މާލެ އަތޮޅު ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އިއްޔެ ހަވީރުގެ ވަގުތެއްގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
2025 ވަނަ އަހަރަކީ ”ބޯހިޔާވަހިކަމުގެ އަހަރަށް“ ހައްދަވާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހައި ސަރަޙައްދެއްގައި ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ހުރިހައި މަޝްރޫއުތައް އަމަލީ ގޮތުން ހިންގައިދޭނެ ފަރާތްތައް ހޯދުމަށް، މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި އިއުލާނު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން އެކި ފަރާތްތަކާ މަސައްކަތްތައް ޙަވާލު ކުރެވޭ ތަރުތީބުން، މި އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ދާއިރާއިން އެއް އަހަރެއްގެ ތެރޭގައި އަމަލީ ގޮތުން އެންމެ ގިނަ މަޝްރޫއު ހިންގޭނެ އަހަރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ބިން ހިއްކައި، ޖާގަ އިތުރު ކުރެވިފައި ވާ ރަށްތަކުގައިވެސް ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި މިކަން ހިނގަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެރިރަށް މާލެ ސަރަޙައްދުގެ މަޝްރޫއުތައްވެސް އިޢުލާންކުރައްވާފައިވާ ގޮތަށް ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
”2025 އަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން. މި އަހަރުގެ މި މަހުގެ ތެރޭގައި، ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާފައި މިހިރަ، އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ކެމްޕެއިން ތެރޭގައި، މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގައިދޭނެ ފަރާތްތައް ހޯދަން، ޢަމަލީގޮތުން މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް އަޅުގަނޑުމެން އެބަ އިޢުލާނު ކުރަން މި ޖަނަވަރީ މަސް ތެރޭގައި.“
މާލެ އަތޮޅު ގުޅިއާ ދާދި ކައިރީގައި އޮތް ފަޅަކީ، އަދުގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ މުހިންމު މަޝްރޫއު ހިނގާ ސަރަހައްދުކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، މާތް ރަސްކަލާނގެ އިރާދަފުޅާއެކު ”ރަސްމާލެ“ މަޝްރޫއުއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލެއް ލިބޭނެ މަޝްރޫއު ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން އެ މަޝްރޫއުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، އިތުރު ފަރާތްތަކާ ގުޅިގެން މަޝްރޫއު ފުޅާކޮށް، މަސައްކަތުގެ ދުވެލި، ދެތިންގުނައަށް ހަލުވިކުރެވިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

