މޯލްޑިވިއަންގެ އާ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގައުމީ އެއާލައިނަށް ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ތައާރަފްކުރުމުގެ މަސައްކަތަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މޯލްޑިވިއަން އިން މިއަދު ރާއްޖެ ގެނެސްފައިވަނީ އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓެކެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން ވަނީ ބޯޓަށް ވޯޓާ ސެލިއުޓެއް ދީފައެވެ.
މި ބޯޓުގެ އޮޕަރޭޝަން އިފްތިތާހުކޮށްދެއްވީ ވެލާނާ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ޖުމްލަ 264 ގޮނޑި ހިމެނޭ މި ބޯޓުގައި 18 ގޮނޑީގެ ބިޒްނަސް ކުލާސް، 36 ގޮނޑީގެ ފްރިމިއަމް އިކޮނޮމީ ކުލާހުގެ އިތުރުން 210 ގޮނޑީގެ އިކޮނޮމީ ކުލާސް ހިމެނެއެވެ.
ވައިޑް ބޮޑީގެ ބޯޓުގައި އެންމެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ޗައިނާއަށެވެ.
މީގެއިތުރުން މޯލްޑިވިއަން އިން ވަނީ އިޓަލީ އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ދެކުނު އެފްރިކާއަށް ދަތުރުތައް ފަށަން ނިންމާ ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓުންގެ ހިދުމަތް ހޯދަން ވެސް އިއުލާނުކޮށްފައެވެ.

