ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި މިއަދު ބުނީ މި ވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި ނުވަ އިންޗިއާ ދެމެދުގެ މިންވަރަކަށް، ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.

އެހެންވެ، މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތްވާހަކަ ހިތާމައާއެކު ދަންނަވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

”މި ގޮތަށް ދިމާވުމުން، މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމު ހަމަޖެހިފައިވަނީ، މާލޭ އާ ސަހަރާ މިސްކިތުގައި ކަމަށް ދަންނަވަމެވެ.“ ސިޓީ ކައުންސިލުން ބުންޏެވެ.

ނަމަވެސް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލަން ފަށާނެ ވަކި ދުވަހެއް މާލެ ސިޓީ ކައުންސިލުން ބުނެފައެއް ނުވެއެވެ.