ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން ހުޅުމާލޭގެ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ — ހުޅުމާލެ ގްރޭންޑް މިސްކިތް (ގުއްބު މިސްކިތް) ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑްކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އިން ގަތަރު ޗެރިޓީއާއި ގުޅިގެން ކުރަން ނިންމައިފިއެވެ.
ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1،800 އަށްވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭ ގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.
މި އެއްބަސްވުމުގެ ދަށުން މަރާމާތުތައް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ އުރީދޫ މޯލްޑިވްސް އިން ބުނެފައިވެއެވެ.
”އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން މި ބަރަކާތްތެރި މައްސަރުގައި ވެސް އަދި އޭގެ ފަހުންވެސް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް،“ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ އުފަލެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

