ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫގައި ހުއްޓިފައިވާ މަޝްރޫއުތައް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެ ރަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީީސް ވަނީ ކަނޑުހުޅުދޫ އަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި އަހަރު އަމަލީ މަސައްކަތްތައް ފަށްޓަވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ދެއްވައިފައެވެ.
ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސްކޫލަށް ބޭނުންވާ ތަރައްޤީގެ ކަންކަމަށް ޢަމަލީ ސިފަގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ރައީސް ދެއްވިއެވެ.
ހިންގަން ފަށައި، މަޑުޖެހިފައިވާ މަޝްރޫއުތައް ހިންގެވުމުގެ އިތުރަށް، އުމްރާނީ ގޮތުން އިތުރު ތަރައްޤީތަކެއް ސްކޫލަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ތައުލީމީ ދާއިރާއާއެކު ސިއްހީ ދާއިރާ ތަރައްގީ ކުރެއްވުމަކީވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ގއ. ކަނޑުހުޅުދޫގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ގޮންޖެހުންތަކަށްވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، 24 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި، އެ މަރުކަޒުން ހުށަހަޅުއްވާފައިވާ އިތުރު ކަންކަން ފުރިހަމަކޮށްދެއްވުމުގެ އަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

