ކުރިއަށް އޮތްތަނުގައި ވެސް ބަޔަކަށް ސިޔާސީ އަނިޔާއެއް ނުދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތަރައްގީ ގެނެސްދެވޭނީ، ހަމަޖެހުން ގާއިމު ކުރެވިގެން ކަމަށާއި، މިދިޔަ 14 ވަރަކަށް މަސްދުވަހަށް ބަލާއިރު، އެ ހަމަޖެހުން ގާއިމު ކުރެވިފައިވާ ކަމަށާ، ބަދަލުހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

ބަދަލު ހިއްޕެވުމުގެ ރޫހުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ސާބިތު ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ބަޔަކަށް އަނިޔާކޮށް، ސިޔާސީ ވިސްނުމުގެ ތެރެއިން ބަޔަކު ހައްޔަރުކުރުމަކީ އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް ބަޔަކަށް ސިޔާސީ އަނިޔާއެއް ނުދެއްވާނެ ކަމަށާ، ބަދަލު ހިއްޕެވުމެއްވެސް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަބަބަކީ، ހަމަޖެހުން އޭގެ ހަގީގީ މާނައިގައި މި ގައުމުގައި އޮތުމަށް އެދިވަޑައިގަތުން ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.