ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫގައި އައުޓްޑޯ ޖިމް އެޅޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ މިއަދު ހެނދުނު ގއ ދެއްވަދޫގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވުމުންނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރުން ވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ބޭނުންވާކަމުގައި ވިދާޅުވެފައެވެ.

އަދި ރައްޔިތުންނަށް ކުރިމަތިވާ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށްޓަކައި ރަށުގެ ސިއްހީ މަރުކަޒަށް ޒަމާނީ ވަސީލަތްތައް އިތުރުކޮށް، ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ބިމުގެ ދަތިކަމަށް ހައްލު ބޭނުންވާކަމަށާއި އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އަންހެނުންގެ ތަތައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުން ވަނީ ވޮލީކޯޓެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދެއްވަދޫގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާއި ޙިއްޞާކުރައްވާފައެވެ.