އުމްރާވެރިންނާމެދު އިހުމާލުވި މައްސަލައިގައި އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް ޖޫރިމަނާ ކޮށްފިއެވެ.
ހިޖުރައިން މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ގެންދިޔަ މީހުން ހާލުގައި ޖެއްސި މައްސަލައިގައި އެ ގްރޫޕު ޖޫރިމަނާ ކުރީ އެއް ލައްކަ ރުފިޔާ އިންނެވެ.
އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 23 މީހަކު އަނބުރާ ރާއްޖެ ނާދެވި ސައުދީ އަރަބިއާގެ މައްކާގައި ތާށިވީ، ރިޓާން ޓިކެޓު ގަންނަން ހުރި ފައިސާ އެ ގުރޫޕުން އެހެން ކަންކަމަށް ބޭނުންކުރުމުން ޓިކެޓު ނުނެގިގެންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ތާށިވި އުމްރާވެރިންނާ ގުޅައި ވާހަކަ ދައްކައި ހާލަތު ބައްލަވާފައިވާ ކަމަށެވެ.
އެގޮތުން މައްކާގައި ތިބި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ އިރުޝާދު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލަށް ދެއްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހިޖްރަ ގްރޫޕުން ޑިސެމްބަރު އުމްރާ އަށް ގެންދިޔަ އުމްރާވެރިން ފައިސާ ދެއްކިޔަސް އެ ފައިސާ ވަނީ ކުންފުނީގެ އެހެން ކަމަކަށް ބޭނުން ކޮށްފައި ކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށެވެ.
އެހެންވެ އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

