ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްތަކަށް ޒިޔާރަތްކުރައްވައި އަދި ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ.
އެމަނިކުފާނު ވަނީ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވިދާޅުވެދެއްވާފައެވެ.
އަދި ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތުވެސް ރައީސް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ވަނީ ވަރަށް މުހިންމު، އުންމީދީ މައުލޫމާތުތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން، މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯއްދަވައި ދެއްވުންކަން އެމަނިކުފާނު ތަކުރާރުކުރައްވާފައިވެއެވެ.
އެއަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ކަންކަމުގެތެރޭގައި ހިމެނޭ، ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށާއި، މި ފުރުޞަތުގެ ބޭނުން ހުރިހާ ރައްޔިތުންވެސް ހިއްޕެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

