ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަށް ރޭ ގެއްލުންދީފިއެވެ.

ޓްރާންސްފޯމަރަށް ގެއްލުން ދިނުމުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެސް ވެއެވެ.

މި މައްސަލައާ ގުޅިގެން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރު ބަހައްޓާފަައިވާ ތަނުގެ ގޭޓާއި އެތަނުގައި ހުރި ތަޅުގެ އިތުރުން އެޗްވީ ސިސްޓަމަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.

ޓްރާންސްފޯމަރަށް ގެއްލުންދީފައިވާ ގޮތުން އެކަން ކުރީ ޓްރާންސްފޯމަރު ސިސްޓަމް މަސައްކަތްކުރާގޮތުގެ މައުލޫމާތު އެނގޭ ބަޔަކު ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ފަހުމީ ވިދާޅުވީ މިފަދަ ކަމެއް ކުރުމަކީ ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ނުވަތަ މީހާ މަރުވެދާނެ ކަމެއް ކަމަށެވެ.

އަދި މިއީ މުޅި މުޖުތަމައުއަށްވެސް މިކަމުގެ ނުރައްކާ އޮތްކަމެއްކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މިދިޔަ އަހަރު މަރުވިކަން ފާހަގަކުރައްވާފައެވެ.

މި ހާދިސާއިން ހާމަވަނީ ފުރާނަ ރައްކާތެރިކުރުމަށާއި މުހިންމު އިންފްރާސްޓްރަކްޗަރތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭކަމަށް ފަހުމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާކަމަށާއި، ކުރިއަށް އޮތްތަނުގައި އެކަންކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.