ރައީސް ޑރ.މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޖަނަވަރީ މަހުގެ 13 އިން 16 އަށް ރައީސް އެ ގައުމަށް ކުރައްވާ މި ދަތުރުފުޅަކީ، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ގައުމުން އަނެއް ގައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.

މި ދަތުރުފުޅުގައި، ރައީީސް، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި، އެ ގައުމުގެ އެކި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް ކްރިސްޓީނާ ކެލަސް، މިނިސްޓަރ އޮފް ކްލައިމެޓް، ޔޯކޯ އަލެންޑަރ، މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް، މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް، ލީސާ-ލީ ޕަކޮސްޓާ އަދި ސެކްރެޓަރީ ޖެނެރަލް އޮފް ފޮރިން އެފެއާޒް، ޖޮނަތަން ސެވިއޮވް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސް އެސްޓޯނިއާގެ ޓާރްޓޫ އަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެ ސިޓީއިން ރައީސްއަށް މަރުހަބާ ވިދާޅުވާނީ، މޭޔަރ އަރްމަސް ކްލާސްއެވެ.

ޓާރްޓޫ އަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ.

ކްލިނިކަލް މެޑިސިންގެ ދާއިރާގައި މުޅި ދުނިޔޭގައިވެސް ހަވާލާދެވޭ ޔުނިވަރސިޓީތަކާއި ސައިންޓިފިކް މުވައްސަސާތަކުގެ ތެރެއިން އެންމެ މަތީގިންތީގައި ހިމެނޭ ޔުނިވަރސިޓީ އޮފް ޓާރްޓޫވެސް ހުންނަނީ ޓާރްޓޫގައެވެ. މި ދަތުރުފުޅުގައި، ރައީސް އެ ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގެ ދިރާސާތައް ބައްލަވާލައްވައި، އެސްޓޯނިއަން ޖީނޯމް ސެންޓަރާއި، ގްރީނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރައްވާނެއެވެ.

ދަތުރުފުޅުގައި މަޝްވަރާތައް ކުރައްވާނީ، އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށެވެ.

އެސްޓޯނިއާގެ ރައީސަށް ލަފާއަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރާ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ހަރަކާތްތަކުގެ ތެރެއިން، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދެވިދާނޭ ގޮތްތައް ނިންމުމަށް މަގުފަހިވެގެންދާނެއެވެ.

އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ކުރި ދަތުރަކީ، މުޅި ދުނިޔޭގެ ތާރީފު ލިބިފައިވާ މަސައްކަތެކެވެ.

އަދި އެ ގައުމަކީ، އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގައި ދުނިޔޭގައި އެންމެ މަތީ ފަންތީގައި ގުނާލެވޭ ގައުމެކެވެ.

ޑިޖިޓަލް ގަވަނަންސް އާއި، އީ-ސަރވިސް ގެ ދާއިރާގައި ދުނިޔޭގެ ލީޑަރެއްކަމުގައި ބެލެވިފައިވާ އެސްޓޯނިއާ މަޝްހޫރުވެފައިވަނީ އެ ގައުމުން ތައާރަފުކުރި އީ-ރެޒިޑެންސީ ޕްރޮގްރާމާއި، އީ-ގަވަނަންސް މަންސަތަކާއި، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބުގިސްކަމާއެކު ޑިޖިޓަލް ހައްލުތައް ހޯދައިދީފައިވާ ގޮތުގެ ސަބަބުންނެވެ.

ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ރައީސް މުއިއްޒު އިސްކަންދެއްވާ ކަމެކެވެ.

ޑިޖިޓަލް އިގްތިސާދެއް ގާއިމުކުރައްވައި، 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 30 އިންސައްތަ ހިއްސާކުރަނީ، ޑިޖިޓަލް އިގްތިސާދަކުން ކަމަށް ހެދުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ.

މިއީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރުގެ މުހިންމު ބަހާއެކެވެ. ސަރުކާރުން މި ވަގުތު ދަނީ، ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް ސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތްކުރައްވަމުންނެވެ.