ސައްހަ ނޫން ފޯމެއް މެދުވެރިކޮށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވައްދާފައިވާނަމަ، އެކަން އެ ޕާޓީގެ ސަމާލުކަމަށް ގެނައުމަށް އެދިއްޖެއެވެ.

ސައްހަ ނޫން ފޯމުތައް ބޭނުންކޮށްގެން ބައެއް މީހުން ޕީއެންސީއަށް ވައްދާކަމުގެ ޝަކުވާ އިތުރުވެފައިވަނިކޮށް އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެފަދަ ފޯމުތަކެއް ބޭނުންކޮށްގެން ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަކީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި ލީޑަރޝިޕުން ވެސް އެއްވެސް ވަރަކަށް ބަލައިގަންނަ، އަދި ހިތްވަރު ވެސް ދޭނެ ކަމެއް ނޫން ކަމަށެވެ.

ސައްހަ ނޫން ފޯމެއް ބޭނުންކޮށް، ޕީއެންސީއަށް ވައްދާފައިވާނަމަ، info@pnc.mv އަށް އީމެއިލްކުރުމުން، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން ޕީއެންސީން ދެއެވެ.

ޕީއެންސީން ބުނީ، މި މައްސަލައަށް ހައްލު ހޯދުމަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތެއް ހިންގަމުންދަނިކޮށް، މަދުން ނަމަވެސް، ސައްހަ ނޫން ފޯމުތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ޕީއެންސީން ބުންޏެެވެ.

”މިހާތަނަށް އެކި ފަރާތްތަކުން ސައްހަ ނޫން ފޯމުތަކެއް މި ޕާޓީގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށް، އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންގެ މުއައްސަސާއަށް ޝަކުވާތަކެއް ލޮގް ކުރައްވާފައި ވާތީ، އެ ދެ މުއައްސަސާ އިން ވެސް ވަނީ، އެ މައްސަލަތައް ބައްލަވަމުން ގެންދަވާކަން މި ޕާޓީއަށް އަންގަވާފައެވެ.“ ކޮންގްރެސް ޕާޓީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، މައްސަލަ ބެލުމަށް ކަމާބެހޭ ފަރާާތްތަކަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށާއި، ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ގޮތް އެ ޕާޓީން ވެސް ބަލަމުން އަންނަ ކަމަށެވެ.

ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ހިންގާ ”މެމްބަރޝިޕް ޑްރައިވް“ ހަރަކާތުގައި ޕާޓީ އަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ނެތުމުން، ފޯމެއްގެ ސައްހަކަމާމެދު ސުވާލު އުފެދޭ ހިސާބަކީ އީސީއަށް ފޯމުގެ ހުށަހެޅުމުގެ ފަހުގެ މަރުހަލާއެއް ކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ. ވަސީލަތްތައް ހުރި ގޮތުން، މިއީ ޕީއެންސީ އަށް އެކަނި އޮތް ގޮންޖެހުމެއް ނޫން ކަމަށް ވެސް އެ ޕާޓީން ފާހަގަކުރެއެވެ.

 

 

ި