މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއްދީ ހަލާސްކޮށްފިއެވެ.

މިކަން ހާމަކޮށް، މިފްކޯއިން މިއަދު ބުނީ މި މަހުގެ 12 ވަނަ ދުވަހު 76 ދޯނިން ޖުމްލަ 307 މެޓްރިކްޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވާއިރު، އެ އުޅަނދުތަކަށް ޖުމްލަ 3.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

މިވަގުތު ފައިސާ ޖަމާކޮށް ނުދެވި ވަނީ، މި މަހުގެ 13 ވަނަ ދުވަހު މަސްކިރުވި ދޯނިތަކަށް ދޭންޖެހޭ 6 މިލިއަން ރުފިޔާ އެކަނި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް މިފްކޯއިން ވަނީ މަސްވެރިންނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައެވެ.

އެއީ 60125 މެޓްރިކްޓަނުގެ މަހަށްވާ ފައިސާއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުއްޓެވެ.

ނަމަވެސް ސަރުކާރުން ވަނީ ދާދި އަވަހަށް އެ ފައިސާ ދައްކާ ހަލާސްކޮށް، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ފަށައިފައެވެ.