އެސްޓޯނިއާގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރިސަރޗް، ކްރިސްޓީނާ ކެލަސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެސްޓޯނިޔާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމާއި، އުނގެނުމުގައި ގެންގުޅޭ އީޖާދީ އުކުޅުތަކަށް ތައުރީފު ކުރައްވާފައެވެ.
އެސްޓޯނިއާގެ ކާމިޔާބީން ހިތްވަރު ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ފުޅާކުރެއްވުމަށް އެމަނިކުފާނު ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ކެލަސް ވަނީ، އެސްޓޯނިއާގެ ތައުލީމީ ނިޒާމާ ގުޅުންހުރި ތަފްސީލީ ޕްރެސެންޓޭޝަނެއް ހުށަހަޅުއްވައި، އެ ނިޒާމުގެ މުހިންމު ސިފަތަކާއި، ބަދަލުގެނުވަނިވި އާދަކާދަތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ އެސްޓޯނިއާގެ ތައުލީމީ އިސްތިރާޖުތަކާ ގުޅުންހުރި މުހިންމު މައުލޫމާތުތަކެއްވެސް ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ދިވެހި ޒުވާނުންނަށް ހުރި ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ މުހިންމުކަން ފާޅުކުރައްވާފައެވެ.
އެގޮތުން، އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާއި، އެނޫންވެސް، ކަންކަމުގައި އެއްބާރުލެއްވުން ދެއްވުމާމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
ތައުލީމީ ދާއިރާއިން ދެ ގައުމުން އެއްބާރުލުން ދިނުމާމެދު މަޝްވަރާތައް ބިނާކުރެއްވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުންވެސް އިލްމީ ކުރިއެރުންތައް ހިއްސާކުރުމާއި، ގާބިލްކަން އިތުރުކުރުމާއި، އެ ނޫންވެސް އެދާއިރާއިން ގުޅުން ގާއިމުކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ދެ ގައުމުންވެސް ވަނީ، އިޖާދީ އުފެއްދުންތެރިކަމާއި ތައުލީމު މެދުވެރިކޮށް، ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރައްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއީ މުސްތަގުބަލުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ ބިންގާކަމުގައި ދެބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވިއެވެ.

