ވެރިރަށް މާލޭގައި ބަހުގެ ހިދުމަތް ފެށުމުން، ޕާކިންގެ މައްސަލަ ބޮޑުވެފައިވާއިރު، މިކަމަށް އޮތް ހައްލަކީ ”ޕާކިން ބިލްޑިންތަކެއް“ ގާއިމު ކުރުން ކަމަށާއި، ސަރުކާރުން އެކަމަށް ހުއްދަ ދެއްވައިގެން، އެކަން ވީހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މިހެން ވިދާޅުވީ ސަންގު ޓީވީން ރޭ ގެނެސްދިން ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ދެއްކެވި ވާހަކައިގައެވެ. މުއިއްޒު ވިދާޅުވޮ ގޮތުގައި، މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ދިޔައިރު، ސަރުކާރުން އެއްވެސް ވަރަކަށް މާލެ ސިޓީ ކައުންސިލާ މަޝްވަރާއެއް ނުކުރެއެވެ.

އަދި ކުއްލިއަކަށް މަޖީދީ މަގާއި އޯކިޑްމަގުގެ ޕާކިން ޒޯންތައް ހުސްކުރަން އެންގިއިރު، ކައުންސިލުން އެކަމަށް އެއްބާރުލުންދިން ނަމަވެސް، ޕާކިން މައްސަލަ ހައްލު ނުވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

”މަޖީދީ މަގުގެ އެއްވެސް ހިސާބަކުން ނެތް އިތުރު ޕާކިންއެެއް. ހެންވޭރު ކޮޅުން އެބައިން ކުޑަ ކުޑަ ތަންކޮޅެއް، ދައުލަތުގެ ކޮންމެވެސް ގޯއްޗެއް، ހުސްކޮށްލާފަ ދިން.“ މުއިއްޒު ވިދާޅުވިއެވެ.

މިނީ ބަހުގެ ހިދުމަތް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ސިޓީ ކައުންސިލުން އަންނަނީ ސަރުކާރުން ހަމަޖައްސާދީފައިވާ ބިންތަކުގައި ޕާކިން ޖާގަތައް ހަދަމުންނެވެ. މޭޔަރު ވިދާޅުވީ މިއީ މައްސަލައިގެ ދާއިމީ ހައްލު ނޫން ކަމަށާއި، ޕާކިން ބިލްޑިންތަކެއް އަޅަން ޖެހޭ ކަމަށެވެ.

”ޕާކިން ބިލްޑިންތަކެއް އަންނަން ޖެހެނީ، ދެން، އެކަން ކުރުމަށްޓަކާ އަޅުގަނޑުމެންގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނާ، މިހާރު ދެތިން ބުރަށް ޕްލޭނިން މިނިސްޓްރީއަށް ފޮނުވައިފިން. ދެން އިރާދަކުރެއްވިއްޔާ މި އުއްމީދު ކުރެވެނީ އެޕްރޫވަލް ލިބޭނެ ކަމަށް.“ މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މިކަމަށް ސަރުކާރުން ހުއްދަ ދީފިނަމަ ”މަސައްކަތް ވަރަށް ބާރަށް ހިނގައިގަންނާނެ“ ކަމަށެވެ. އެގޮތުން މިކަމަށްޓަކައި ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަންކަން ނިމި، އަމަލީ މަސައްކަތް ފެށުމަށްވެސް ތައްޔާރުވެފައިވާ ކަަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.