ޑިޖިޓަލް ދާއިރާއިން ރާއްޖެ ބާރުވެރި ކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ރައީސް ޑރ.މުހައްމަދު މުއިއްޒު ހިއްސާ ކުރައްވައިފިއެވެ.

އެމަނިކުފާނު މި ތަސައްވުރު ހިއްސާ ކުރެއްވީ، އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ތޮނީސް ސާރްއާ ބައްދަލުކުރައްވަވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ގޮތުން ބާރުވެރި ޤައުމަކަށް ރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވާ، އާންމު ހިދުމަތުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަންދިނުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

ޑިޖިޓަލައިޒް ވުމަށް އެސްޓޯނިއާއިން އަދާކުރަމުންދާ އިސްދައުރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ކަމެއްކަން ރައީސް ފާހަގަކުރައްވާ، އެކަމަށްޓަކައި އެ ޤައުމަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.

އަދި އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ ވިސްނުންތައް ބިނާވެފައިވަނީ، ދެފުށް ފެންނަ، ނަތީޖާ ނެރެވޭ، އިތުބާރުހުރި މިންގަނޑުތަކެއްގެ މަތީގަައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ހަމަ މިއާއެކު، ރާއްޖޭގެ އީ-ގަވަރނަންސް އާއި އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ލިޓްރަސީ ކުރިއެރުވުމާއި، ލޯކަލް ގަވަރމެންޓްތަކުގެ ޑިޖިޓަލް ޤާބިލުކަން ހަރުދަނާކޮށް، ފެތުރިފައިވާ އާބާދީއަކަށް ޢާންމު ޚިދްމަތް ފޯރުކޮށްދިނުން އިތުރުކުރުން ފަދަ ކަންކަން، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއް ހަމަ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވައިލެއްވިއެވެ.

އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ތޮނީސް ސާރް ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން ޑިޖިޓަލް ސިސްޓަމްތައް ތަންފީޒު ކުރުމުގައި އެސްޓޯނިއާއިން ކުރި ތަޖުރިބާތަކާއި ކުރިމަތިލި ގޮންޖެހުންތަކުގެ އިތުރުން، ވެރިކަން ހިންގުމާއި އާންމު ދިރިއުޅުމަށް އެކަންކަމުން ކުރުވި އަސަރުތައް ހިއްސާކުރެއްވިއެވެ.

އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މަޤްޞަދުތައް ހާސިލުކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.