އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ގާނޫނު ހަދާ މަޖިލިސް ”ރިގިކޮގޫ“ އަށް ވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވީ، އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރްއެވެ.
މި ތާރީހީ ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ. އެއަށްފަހު، ގާނޫނު ހަދާ މަޖިލީހުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.
ފަރިއްކޮޅު ކުރިއަށްގެންދެވި ވަގުތު ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުން ބައިވެރިވެގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އާންމު ހިދުމަތްތައް ހަރުދަނާކުރެއްވުމަށް އަޒުމް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަރައްގީގެ އެޖެންޑާގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.
އަދި ދެ ގައުމުން ހިއްސާކުރާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށްވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އީ-ވޯޓިން އާއި މި ނޫންވެސް އީޖާދީ ފަންނިއްޔާތުގެ އުފެއްދުންތަކުގެ ތެރެއިން ޑިޖިޓަލް ގަވަރނަންސްގެ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތް، ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ހިއްސާކުރެއްވިއެވެ.
މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަމާއި ސަލާމަތާ ގުޅޭގޮތުން ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތައް ފާހަގަކުރައްވައި، ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމު އެކުގައި މަސައްކަތްކުރުމުގެ އަޒުމު އައުކުރައްވަމުންނެވެ.

