ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާގެ ބަޔޯބޭންކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބަޔޯބޭންކަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެސްޓޯނިއާ ބަޔޯބޭންކްގެ ހެޑް އަދި ޓާޓޫ ޔުނިވަރސިޓީ އިންސްޓިޓިއުޓް އޮފް މޮލެކިއުލަރ އެންޑް ސެލް ބަޔޮލޮޖީ، ޕްރޮފެސަރ އޮފް ފާމަކޮޖީނޯމިކްސް، ލިލީ މިލާނީއެވެ.
މި ޒިޔާރަތުގައި، ޕްރޮފެސަރ މިލާނީ ވަނީ އެ ފެކަލްޓީގެ މައިގަނޑު މަސައްކަތްތަކާއި ދިރާސީ މަސައްކަތްތަކުގެ ތަފްސީލުތައް ރައީސްއަށް އަރުވާފައެވެ.
ޓާޓޫ ޔުނިވަރސިޓީގެ ބަޔޯބޭންކަކީ 2001ވަނަ އަހަރު ޤާއިމްކުރި ދިރާސީ ފެސިލިޓީއެކެވެ.
މި ބަޔޯބޭންކްގައި، އެސްޓޯނިއާގެ 200،000 ރައްޔިތުންގެ މަޢުލޫމާތު ރައްކާކުރެވިފައިވެއެވެ.
މިއީ، އެސްޓޯނިއާގެ އާބާދީގެ 20 އިންސައްތައެވެ. މި ބަޔޯބޭންކަކީ، ޤައުމީ ފެންވަރެއްގައި ޔޫރަޕްގައި ހިންގޭ މިފަދަ އެންމެ ބޮޑު ބަޔޯބޭންކެވެ. މި ޒިޔާރަތުގައި ރައީސް ވަނީ ޔުނިވަރސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

