ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ޓާރްޓޫގައި ހުންނަ ގައުމީ ދާރުލްއާސާރު (އީސްޓީ ރާހްވާ މޫސިއަމް) އަށް ޒިޔާރަތްކުރައްވައިފިއެވެ.
ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދާރުލްއާސާރުގެ ޑިރެކްޓަރ ޑޮކްޓަރ ކޭޓޫ ސަކްސް އެވެ.
މިޒިޔާރަތުގައި ރައީސް ވަނީ، އެ ދާރުލްއާސާރުގެ ”އެންކައުންޓަރސް“ މަޢުރަޒު ބައްލަވާލައްވާފައެވެ. މަޢުރަޒު ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދާރުލްއާސާރުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.
ޓާރްޓޫގައި ހުންނަ ގައުމީ ދާރުލްއާސާރު ހާއްސަ ކޮށްފައިވަނީ އެ ގައުމުގެ ތާރީހާއި ސަގާފަތާއި އާދަކާދަތައް ދައްކާލުމަށެވެ.
އެތަނުގައި ހުރި އެކި މަޢުރަޒުތަކުން، އެ ގައުމުގެ އެވޭލާ ތާރީހާއި، ޒަމާނީ އިޖުތިމާޢީ ކުރިއެރުންތަކާއި، އިޖުތިމާޢީ ޝަޚްޞާއި، ތަރިކަ އަދި ފަންނިންޔާތުގެ ތަރައްޤީ ދައްކުވައިދެއެވެ.
ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރާއްޖާގެ ފަންނިއްޔާތުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

