ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ. 
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މ. ދިއްގަރުގައި ގާއިމުކުރުމަށް ރޭވިފައިވާ ގޭދޮށު މަސްފެކްޓަރީގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ތަފްސީލުކޮށް ހިއްސާކުރެއްވި ކަމަށެވެ.
މީގެއިތުރުން މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން މަދުކަން ފާހަގަކުރެވޭތީ މިނިސްޓްރީން ޒުވާނުންނަށް އަމާޒުކޮށްގެން މި އަހަރު ހިންގުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ މައުލޫމާތު ދެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި މަސްވެރިކަމުގެ ދާއިރާގައި ހުރި އެހެނިހެން ގޮންޖެހުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި މި ކަންކަން ހައްލުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.