އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ތާރީހީ، އަދި ކާމިޔާބު ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސް ވިދާޅުވީ، މިއީ ތާރީހީ ދަތުރުފުޅަކަށް ވަނީ، ރާއްޖޭގެ ވެރިޔަކު އެސްޓޯނިއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރަށް ވާތީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ވިޝަން އެސްޓޯނިއާއާ ހިއްސާކޮށް، އެ ގައުމުން މިކަމުގައި ކުރިއަރައިގެން ދިޔަގޮތް ބަލައި، ރާއްޖެއަށް އެމަގުން ކުރިއެރުން ހޯދޭނެ ގޮތްތަކާގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމުގައެވެ.

“ އެ ގައުމުގެ ރައީސްއާ ސަރުކާރުގެ ފަރާތުން އަދި ހަމަ ރަސްމީ އިދާރާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވެވި، މި ދަތުރުގަ، ކޮންމެ ދުވަހެއްގަ، ވަރަށް ގިނަ ކަންތައްތަކެއް، ވަރަށް ތޯޓްފުލް ޕްރޮގްރާމެއް ހައްދަވައިދެއްވައިފައި އޮތީ، ޑިޖިޓަލައިޒޭޝަންގެ ހުރިހާ ކަމެއް، މި ވޭތުވެދިޔަ އަހަރުތަކުގައި ކިހިނެއްކަން ކާމިޔާބު ކޮށްފައި ވަނީ، އަދި ދިމާވި ދަތިތަކާ އެކަންކަމުން އަރައިގަންނަން ކަން ކުރި ގޮތާ، އަދި އެހެން ދާއިރާތަކުން ވެސް ކުރިއެރުން ހޯދާފައިވާ ގޮތް ވަރަށް ރަނގަޅަށް އޮޅުންފިލައިގެން ދިޔަ.“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޑިޖިޓަލް ދާއިރާ އިން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ގައުމަކީ އެސްޓޯނިއާ ކަމަށާއި، ރާއްޖެ އެ ދާއިރާ އިން ކުރިއަށް ދިޔުމަށް އެހީތެރިވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ.

ރައީސް މުއިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.