ދޭދޭ ގައުމުތަކާ ގުޅުން ބޭއްވުމުގައި ދިވެހީންނަށް ފައިދާ ވާނެ ހުރިހައި މަގެއް ފަހި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ، އެސްޓޯނިއާ އަށް ކުރެއްވި ތާރީހީ ދަތުރުފުޅާ ގުޅޭގޮތުން، ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ އަވަށްޓެރި ގައުމުތަކަށް އެންމެ ބޮޑަށް އިސްކަން ދިން ކަމުގައި ވިޔަސް، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް އަސަރު ނުކުރާނެ ގޮތަށް އެހެން ގައުމުތަކާ ވެސް ގުޅުން ބަދަހި ކުރަން ޖެހޭނެ ކަމަށެވެ.
”އަޅުގަނޑުގެ ހާރިޖީ ސިޔާސަތު، އަބަދުވެސް އެއްގޮތަކަށް މި ދަންނަވަނީ، ދިވެހީންނަށް އިސްކަން ލިބެންޏާ، އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްވެފަ، އަޅުގަނޑުމެންގެ ރައްކާތެރިކަން ޔަގީން ވަންޏާ، މިނިވަންކަމާ ސިޔާދަތު ކަށަވަރުވާ ކަމުގައި ވަންޏާ، އަޅުގަނޑުމެންނަށް ފައިދާވާ ހުރިހާ މަގުތަކެއް އަޅުގަނޑުމެން ބަލަން ބޭނުންވޭ،“ އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމުގައި އެސްޓޯނިއާ ސަރުކާރުން އެހީތެރިވާނެ ކަމުގައި ވިދާޅުވި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕަބްލިކް ސަރވިސްގެ ހުރިހައި ހިދުމަތެއް ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
ރައީސް މުއިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަކީ އެގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

