ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ގަވާއިދާ ހިލާފަށް ކާންދިނުން އިތުރުވެ، އެކަން ނުކުރުމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
ގަވާއިދާ ހިލާފަށް މަޑިއަށް ކާންދިނުން އިތުރުވާތީ ކަންބޮޑުވުން ފާޅުކޮށް އީޕީއޭއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ހަރަކާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރާކަމަށެވެ.
ރާއްޖޭގައި އުޅޭ އެންމެހައި މަޑީގެ ބާވަތްތަކަކީ ”ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާއި ބެހޭ ގަވާއިދު“ގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށް ވެސް އެ އެޖެންސީގެ ބަޔާނުގައިވެއެވެ.
އެ ގަވާއިދުގައި ރައްކާތެރި ކުރެވިފައިވާ ދިރުންތަކަށް ގެއްލުންލިބިދޭ އެންމެހައި ކަންކަން މަނާކުރެވިފައި ވާކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މަޑީގެ ބާވަތްތަކަށް ކާންދިނުމާއި ކާންއެޅުމަކީ އެ ތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ދިރާސާތަކުން ދައްކާ ކަމަށާއި މަޑީގެ ބާވަތްތައް ބަލާލުމުގެ އިތުރުން އެތަކެއްޗާއެކު ފީނާލުމަކީ ދިވެހީންނާއި ފަތުރުވެރީންގެ މެދުގައި މަގުބޫލު ތަޖުރިބާއެއް ނަމަވެސް މި ކަންކަމުގެ ސަބަބުން އިންސާނުންނަށް އެކިކަހަލަ އަނިޔާތަކާއި ބައެއްފަހަރު ފުރާނައަށް ނުރައްކާތެރިވާފަދަ ހިތާމެރި ހާދިސާތައް މެދުވެރިވާކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
އަދި މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ މިފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންއެޅުމުން މިޔަރު ދަތް އެޅުމުންކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
އަދި މަޑި ކަށި ހެރިގެން ވެސް ހާދިސާތައް ހިނގުމަށް މަގުފަހިވާކަމަށާއި މިފަދަ ހާދިސާތައް ގިނަވުމަކީ ފަތުރުވެރިކަމަށް ވެސް އަސަރުކުރާނެ ކަމެއްކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

