އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓައިލަން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ވަޒީރުން ވެސް ބޭނުންނުވާކަން ވަނީ ހާމަވެފައެވެ.

މިކަން ހާމަވެގެން ދިޔައީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ވޯޓު ދިނުން ފަސް ކުރުމުންނެވެ.

ނަމަވެސް މިރޭ އެ އެއްބަސްވުމަށް ވޯޓު ނަގާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ރަހީނު ކުރި އިސްރާއީލުގެ މީހުން ދޫކޮށްލުމާމެދު އެއްބަސްވެވިފައިވާ ކަމަށް ނަތަންޔާހޫގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކާމިޔާބުވިކަން އިއުލާނު ކުރުމަށް ފަހުގައި ވެސް ޣައްޒާ ސިޓީގެ 08 ‏ސަރަހައްދެއްގައި ޔަހޫދީން ވަނީ ގަތުލުއާންމުތައް ހިންގައި، 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 80 ‏އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.

އޭގެތެރޭގައި 21 ކުޑަކުދިންނާއި 25 އަންހެނުން ހިމެނެއެވެ.

”ސީސްފަޔަރ ޑީލް“ ނުވަތަ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށާގޮތަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އެއްބަސްވުމަށް އަމަލު ކުރާނަމަ، އިސްތިއުފާ ދޭނެ ކަމަށް އިސްރާއީލުގެ ދެ ވަޒީރަކު ވަނީ ބުނެފައެވެ. އެހެންކަމުން، އިސްރާއީލުގެ ވަޒީރުން ވެސް ޣައްޒާއަށް ހަމަލާ ދިނުން ހުއްޓައިލަން ބޭނުން ނުވާކަން ހާމަވެއެވެ.

ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުންތަކާ ހިލާފަށް ޔަހޫދީން މީގެ ކުރިން ވެސް އަމަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 46000އަށްވުރެ ގިނަ މީހުން ޝަހީދުވެ، ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ.