މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފަހަކަށް އައިސް، އާޓިފިޝަލް ބީޗުގައި، ހުކުރު ދުވަހު ސިލްސިލާ މާރާމާރީތަކެއް ވަނީ ހިންގަން ފަށައިފައެވެ. މި މައްސަލައިގައި އިއްޔެ ފުލުހުން ތިން ބިދޭސީ ފިރިހެނުން ހައްޔަރު ކުރިއެވެ. އެ ތިން މީހުން ވެސް ނިސްބަތް ވަނީ އިންޑިއާ އަށެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެކްސްގަައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާރާމާރީ ހިންގި ތިން މީހުން ވެސް މިހާރު ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.

އަދި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އެފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވިއެވެ.

އިއްޔެ ހިންގި މާރާމާރީގެ ވީޑިއޯ މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.