ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯ އިން މިރޭ ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި- ފޮޓޯ/ ކިޔުންތެރިއެއް
”މައްސަލަ ދެނަގަނެ ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލުކޮށް ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން.“ ސްޓެލްކޯ އިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ ހިޔާގެ ގިނަ ޓަވަރުތަކުގައި މިވަގުތު ކަރަންޓެއް ނެތެވެ.
ސްޓެލްކޯ އިން ދެންމެ ބުނީ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލެއަށް ކަރަންޓު ދޭ ފީޑަރ ތަކުގެ ތެރެއިން ފީޑަރެއް ޓްރިޕް ވުމާއި ގުޅިގެން ކަމަށެވެ.
”ފުރަތަމަ ފިޔަވަހީގެ 3 ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒްކޮށް ކަރަންޓުދެވިފައިވާއިރު، ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ކުރަމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން.“ ސްޓެލްކޯ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
ސްޓެލްކޯގެ ބައެއް މަސައްކަތްތައް ކުރުމަށާއި، ދިމާވާ ބައެއް ޓެކްނިކަލް މައްސަލަތަކުގައި މާލެއާ ހުޅުމާލެއިން ވެސް ކަރަންޓު ކެނޑެއެވެ.

